ﷲ ބާވައިލެއްވި ގޮތް ނޫން ގޮތަކަށް ޙުކުމްކުރާ މީހުންގެ މައްސަލައިގައި ސުލައިމާން އަލް ޢަލްވާން ބުނަނީ ޚަވާރިޖުންގެ ބަސް

﷽.

އެންމެހައި ޙަމްދު ތަޢުރީފެއް ލިބިވޮޑިގެންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. އެކަލާނގެއީ ނޫޙު, އިބްރާހީމް، މޫސާ، ޢީސާ عَلَيْهِمُ الصَّلَاةُ وَالسَّلَامُ  އަދި މުޙައްމަދު ﷺ ވެރި ރައްބެވެ. އެއަށްފަހު ބުނަމެވެ.

ސުލައިމާން އަލް ޢަލްވާން ބުނެފައިވެއެވެ.

العجيب في هذا الواقع الآن أن من قال بظاهر الآية: ﴿وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ﴾ ليسوا هم الخوارج؛ لم يقل بذلك الخوارج، ولم تكن بدعة الخوارج أنهم يكفرون من حكم بغير ما أنزل الله؛ ومن قال ذلك؟“. (في شرحه للعقيدة الواسطية)

“މިހާރުގެ މި ޙާލަތުގައި އަޖައިބުވާ ކަމަކީ، މި އާޔަތުގެ ބޭރުފުށުގެ މާނައަށް ބުނާ މީހުން ﴿وَمَنْ لَمْ يَحْكُمْ بِمَا أَنْزَلَ اللَّهُ فَأُولَئِكَ هُمُ الْكَافِرُونَ﴾ (އަދި ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުން، ފަހެ އެއުރެންނަކީ ހަމަ ކާފަރުންނެވެ.) އެއީ (އެފަދައިން ބުނާ މީހުންނަކީ) ޚަވާރިޖުން ނެއް ނޫނެވެ. ޚަވާރިޖުން އެހެނެއް ނުބުނެއެވެ. އަދި ﷲ ބާވައިލެއްވި ގޮތް ނޫން ގޮތަކަށް ޙުކުމްކުރާ މީހުންނަކީ ކާފަރުންނޭ ބުނުމަކީ ޚަވާރިޖުންގެ ބިދުޢައެއް ނޫނެވެ. އެހެން ބުނީ ކާކުހެއްޔެވެ؟” (އަލްޢަޤީދާ އަލްވާސިޠިއްޔާގެ ޝަރަޙައިގައި)

އެހެން ބުނީ ކޮން ބައެއްތޯ ބަލާން ޖެހެއެވެ. ސަލަފުން އިމާމުން ސުންނަތުގެ ޢިލްމުވެރިން ބުނެފައިވަނީ ޚަވާރޖުން އެހެން ބުނާ ކަމުގައެވެ. އަޅުގަނޑު އިތުރު ވާހަކައެއް ނުދައްކާނަމެވެ. ތިބާ އަމިއްލައަށް ހަޤީޤަތް ހޯދާ ބަލާށެވެ.

ސުންނަތުގެ ސަލަފުންގެ އިމާމުން ވިދާޅުވިއެވެ.

އިމާމް އާޖުއްރީ  الإمام الآجري (264–280 هـ) رحمه الله  ވިދާޅުވިއެވެ.

مما يتبع الحرورية من المتشابه قول الله تعالى: ﴿ومن لم يحكم بما أنزل الله فأولئك هم الكافرون﴾ ويقرؤون معها ﴿ثم الذين كفروا بربهم يعدلون﴾ فإذا رأوا الإمام حكم بغير الحق قالوا كفر.  (والآجري في الشريعة 1/31)

“ޙަރޫރިއްޔާއިން (ޚަވާރިޖުން) މުތަޝާބިހު (ސާފުނުވާ) އާޔަތްތަކުގެ ތެރެއިން ތަބަޢަވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ﷲ ތަޢާލާގެ މި ބަސްފުޅެވެ. ﴿ومن لم يحكم بما أنزل الله فأولئك هم الكافرون﴾ (އަދި އަﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުން، ފަހެ އެއުރެންނަކީ ހަމަ ކާފަރުންނެވެ.) އަދި އެ މީހުން އެ އާޔަތާއެކު މި އާޔަތްވެސް ކިޔައެވެ: ﴿ثم الذين كفروا بربهم يعدلون﴾ (ދެން ކާފަރުވީ މީހުން އެއުރެންގެ ވެރިރަސްކަލާނގެއާ (އެހެން ފަރާތްތައް) އެއްފަދަކުރެތެވެ.) ފަހެ، އެ މީހުން އިމާމު (ވެރިޔާ) ޙައްޤު ނޫން ގޮތަކަށް ޙުކުމްކުރާތަން ދެކޭ ހިނދު، އެ މީހުން ބުނެއެވެ. އޭނާ ކާފަރުވެއްޖެއެވެ.”

އިމާމް އަބޫ ބަކުރު އައް-ރާޒީ އަލް-ޖައްޞާޞް، الإمام أبو بكر الرازي الجصاص (305–370 هـ) رحمه الله ވިދާޅުވިއެވެ.

وقد تأولت الخوارج هذه الآية على تكفير من ترك الحكم بغير ما أنزل الله من غير جحودٍ لها. (الجصاص في أحكام القرآن 4/ 92)

“ޚަވާރިޖުން މި އާޔަތް ތައުވީލު ކޮށްފައިވަނީ، ﷲ ބާވައިލެއްވި ގޮތް ނޫން ގޮތަކަށް ޙުކުމްކުރުން ދޫކޮށްލާ މީހާ، އެކަން އިންކާރު ނުކުރި ނަމަވެސް، ކާފަރުކުރުމުގެ މައްޗަށެވެ.”

އިމާމް އިބްނު ޢަބްދުލް ބައްރު، ابن عبد البر (368–463 هـ) رحمه الله ވިދާޅުވިއެވެ.

وقد ضلت جماعة من أهل البدع من الخوارج والمعتزلة في هذا الباب واحتجوا بآيات ليست على ظاهرها مثل قوله عز وجل: ﴿ومن لم يحكم بما أنزل الله فأولئك هم الكافرون﴾” (التمهيد 17/ 16)

“މި ބާބުގައި ބިދުޢަވެރިންގެ ތެރެއިން ޚަވާރިޖުންނާއި މުޢުތަޒިލީންގެ ޖަމާޢަތެއް މަގުފުރެދިފައިވެއެވެ. އަދި އެބައިމީހުން ހެކިދެއްކީ އޭގެ ބޭރުފުށުގައި ވާގޮތަށް (މާނަ) ނުނެގޭ އާޔަތްތަކަކުނެވެ. މިސާލަކަށް މާތް ﷲ ވަޙީކުރެއްވި ބަސްފުޅުފަދައިން ﴿ومن لم يحكم بما أنزل الله فأولئك هم الكافرون﴾ ﷲ ބާވައިލެއްވި ޙުކުމަށް ހުކުމް ނުކުރާ ކޮންމެ މީހަކީ ކާފަރެކެެވެ.”

އިމާމް އަބުލް މުޡައްފަރު އައްސަމްޢާނީ ، أبو المظفر السمعاني (426-489 هـ) رحمه الله ވިދާޅުވިއެވެ.

اعلم أن الخوارج يستدلون بهذه الآية ويقولون من لم يحكم بما أنزل الله فهو كافر وأهل السنة لا يكفرون بترك الحكم. اهـ” (أبو المظفر السمعاني في تفسيره 2/42) ދަންނާށެވެ! ހަމަކަށަވަރުން ޚަވާރިޖުން މި އާޔަތުން ދަލީލު ހޯދައެވެ. އަދި އެ މީހުން ބުނެއެވެ. ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހާއަކީ ކާފަރެކެވެ. އަދި އަހްލުއްސުންނާ (އެބަހީ ސުންނަތް ޖަމާޢަތުގެ އަހުލުވެރިން) ޙުކުމް ދޫކޮށްލުމުގެ ސަބަބުން (އެ މީހަކަށް) ކާފަރުކަމުގެ ޙުކުމް ނުކުރެއެވެ.”

އިމާމް އައް-ޝާތިބީ، الشيخ الإمام الشاطبي (538–590 هـ)  رحمه الله ވިދާޅުވިއެވެ.

مما يتبع الحرورية من المتشابه قول الله تعالى: ﴿ومن لم يحكم بما أنزل الله فأولئك هم الكافرون﴾ ويقرؤون معها ﴿ثم الذين كفروا بربهم يعدلون﴾ فإذا رأوا الإمام حكم بغير الحق قالوا كفر.  (الإعتصام 2/ 183 – 184)

“ޙަރޫރިއްޔާއިން (ޚަވާރިޖުން) މުތަޝާބިހު (ސާފުނުވާ) އާޔަތްތަކުގެ ތެރެއިން ތަބަޢަވާ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ﷲ ތަޢާލާގެ މި ބަސްފުޅެވެ. ﴿ومن لم يحكم بما أنزل الله فأولئك هم الكافرون﴾ (އަދި އަﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާ މީހުން، ފަހެ އެއުރެންނަކީ ހަމަ ކާފަރުންނެވެ.) އަދި އެ މީހުން އެ އާޔަތާއެކު މި އާޔަތްވެސް ކިޔައެވެ: ﴿ثم الذين كفروا بربهم يعدلون﴾ (ދެން ކާފަރުވީ މީހުން އެއުރެންގެ ވެރިރަސްކަލާނގެއާ (އެހެން ފަރާތްތައް) އެއްފަދަކުރެތެވެ.) ފަހެ، އެ މީހުން އިމާމު (ވެރިޔާ) ޙައްޤު ނޫން ގޮތަކަށް ޙުކުމްކުރާތަން ދެކޭ ހިނދު، އެ މީހުން ބުނެއެވެ. އޭނާ ކާފަރުވެއްޖެއެވެ.”

شيخ الإسلام ابن تيمية (661–728 هـ) رحمه الله ވިދާޅުވިއެވެ.

﴿فلا وربك لا يؤمنون حتى يحكموك فيما شجر بينهم﴾ وهذه الآية مما يحتج به الخوارج على تكفير الولاة الذين يحكمون بغير ما أنزل الله. (منهاج السنة 5/ 131)

﴿فلا وربك لا يؤمنون حتى يحكموك فيما شجر بينهم﴾ (ފަހެ، ތިބާގެ ވެރިރަސްކަލާނގެ ގަންދީ ބުނަމެވެ. އެއުރެންގެ މެދުގައި އުފެދޭ ޚިލާފުތަކުގައި އެއުރެން ތިބާގެ ގާތުގައި ޙުކުމަށް އެދި، ދެން ތިބާ ނިޔާކުރައްވާ ގޮތާމެދު އެއުރެންގެ ހިތްތަކުގައި އެއްވެސް ތަދުބީރެއް ނުވެ، ފުރިހަމައަށް ބޯލަނބައިފުމަށް ދާންދެން އެއުރެން އީމާނެއް ނުވާނެތެވެ.) މި އާޔަތަކީ ﷲ ބާވައިލެއްވި ގޮތް ނޫން ގޮތަކަށް ޙުކުމްކުރާ ވެރިންނަށް ކާފަރުކަމުގެ ޙުކުމް ކުރުމަށް ޚަވާރިޖުން ދަލީލު ހޯދާ އާޔަތްތަކުގެ ތެރެއިން އާޔަތެކެވެ.”

ނަބިއްޔާ ﷺ އެބަޔަކާއި ހަނގުރާމަ ކުރާނެ ބަޔަކާއެކު އެކަނލޭގެފާނުގެ ޒަމާނުގައި ތިބާ ވާނެ ނަމަ، ތިބާ ވާނީ ކުފުރުގެ އަހުލުވެރިއަކަށް ތޯ ނުވަތަ އީމާންކަމުގެ އަހުލުވެރިއަކަށް ތޯ؟

ސުލައިމާން އަލް-ޢަލްވާން ބުނާ ހިނދު، “މިއީ ދުވަހަކުވެސް ޚަވާރިޖުންގެ މަގެއް ނޫނެވެ.” އަދި ދެން އޭނާ ސޫރަތުލް މާއިދާގެ 44 ވަނަ އާޔަތުގެ މުތަޝާބިހު ތަފްސީރެއް ބޭނުންކޮށްގެން މިއަދުގެ އެންމެހާ މުސްލިމް ވެރިންނަށް ކާފަރުކަމުގެ ލޭބަލް ޖަހާއިރު، އޭނާ ތަބަޢަވަމުން ދަނީ ކާކުގެ ފިޔަވަޅުތަކަށްކަން ދެނެގަތުމަކީ އުނދަގޫ ކަމެއް ނޫނެވެ. ޚަވާރިޖުން މިހެން ބުނެފައިވަނީ އޭނާގެ ކުރިންނެވެ. އެމީހުން މުސްލިމުން މަރާފައިވަނީ އޭނާގެ ކުރިންނެވެ. އަދި ނަބިއްޔާ ﷺ އެމީހުންގެ ޙަމާސްއަށް ނުވަތަ ޖަޒުބާތަށް ތަޢުރީފެއް ނުކުރައްވައެވެ. އެކަލޭގެފާނު ﷺ އަޅުގަނޑުމެންނަށް އިންޒާރު ދެއްވާފައިވަނީ އެމީހުންނަކީ ނަރަކައިގެ ކުއްތާތައް ކަމަށާއި، އެމީހުންގެ ދީނަކީ ފަށުވި އެއްޗެއް ކަމަށާއި، އެމީހުން މެރުމަކީ ހެޔޮކަމެއް ކަމަށެވެ. ޔަޢުނީ ޝަރުޢީ ޖިހާދު ކުރާވާހަކައެވެ. ފެންނަތަނަކުން ޚަވާރިޖެކޭ ބުނެ މީހުން ޤަތުލު ކުރާ ވާހަކައެއް ނޫނެވެ. އެހެންކަމުން، ކޮންމެ އިޚްލާޞްތެރި މުސްލިމަކު އަމިއްލަ ނަފްސާ ސުވާލުކުރާށެވެ. ތިބާ ހުރީ ނަބިއްޔާ ﷺ އާއި ސަލަފުންނާ އެކުގައިތޯ؟ ނުވަތަ ނަބިއްޔާ ﷺ އަމިއްލަފުޅަށް ހަނގުރާމަ ކުރައްވާނެ ބައެއްގެ ފަރާތުންތޯ؟ ނަބިއްޔާ ﷺ ޚަވާރިޖުންނާއި ހަނގުރާމަ ކުރަން ލަޝްކަރުގެ އެއްކޮޅުގައެވެ. ތިބާ އެ ޚަވާރިޖުންގެ ލަޝްކަރުގައިވާނަމަ ތިބާ ތިކުރީ ﷲ ގެ ޙުކުމުގެ ތެރެއިން ކޮން ޙުކުމަކަށް ޙުކުމް ކުރީ ހެއްޔެވެ؟ ޖޯޝާއި ފޯރިއާއި ހަމާސްއަށް ހެލިގެން ނުގޮސް ނައްސުތަކަށް ރުޖޫޢަވުން ހެޔޮވެގެންވޭ ނޫންތޯ އެވެ؟.

ސުލައިމާން އަލްޢަލްވާން ގެ ކުރު ތަޢާރަފެއް

މޫސާ ޖިބްރީލް އަދި އޭނާގެ ޝެއިޚް ޢަލްވާން

ސުލައިމާން އަލްޢަލްވާން ފަތުވާ ދެއްވާފައިވާ ގޮތުގައި ޖާނުން ފިދާވެ އަމިއްލައަށް މަރުވުމުގެ ޢަމަލުތަކަކީ ތަޢުރީފުކުރެވޭ ކަމެކެވެ. އަދި އެފަދަ ޢަމަލުތައް ހިންގާ މީހުންނަކީ ޝަހީދުވުމުގެ ދަރަޖަ ލިބިދާނެ ބައެއް ކަމުގައި ވިދާޅުވެއެވެ. ޝެއިޚް ޢުލްވާން މި ޒަމާނުގައި ފާޅުވި ބައެއް ޢިލްމުވެރިންނަށް ކާފަރުކަމުގެ ޙުކުމް ކުރައްވައެވެ. އެމަނިކުފާނު ވިދާޅުވެފައިވާ ގޮތުގައި “ޖާމީން (ޖާމިއްޔާ، މުޙައްމަދު އަމާން އަލް-ޖާމިޢީއަށް ނިސްބަތްކޮށް) ގެ ނަމުން މަޝްހޫރުވެފައިވާ މީހުންނަކީ ޙަޤީޤަތުގައި އީމާންކަމުގެ މައްސަލައިގައި ޖަހްމީންނެވެ.” މިގޮތުން އެމަނިކުފާނު އެ މީހުން ދެކެވަޑައިގަންނަވަނީ އެންމެ ހައްދުފަހަނައަޅާފައިވާ މުރްޖިއާގެ ގޮތުގައެވެ. އެބަހީ ކާފަރުންގެ ގޮތުގައެވެ. އެމަނިކުފާނު ދެކެވަޑައިގަންނަވާ ގޮތުގައި ވެރިންނަށް ޢާންމުކޮށް ނަސޭހަތްދިނުމާއި އެ މީހުންގެ އައިބުތައް ހާމަކުރުމަކީ ރަނގަޅު ކަމެކެވެ. ޝެއިޚް ޢުލްވާންއަކީ އައިސިސް އަދި އަލް-ޤާޢިދާގެ މައިގަނޑު މުފްތީންގެ ތެރެއިން އެކަކެވެ. އަދި އެ މީހުންގެ އިސް ފަރާތްތަކާއި މަޢުލޫމާތުގެ މަސްދަރުތަކުގެ ތެރެއިން އިސް ބޭކަލެކެވެ. ޝެއިޚް ޢުލްވާން ހާމަކަން ބޮޑު ގޮތެއްގައި ދެކެވަޑައިގަންނަވާ ގޮތުގައި މި ޒަމާނުގައި ފާޅުވެފައިވާ ގިނަ މުސްލިމު ދައުލަތްތަކުގެ ވެރިންނަކީ ކާފަރުންނެވެ. އެއީ ﷲ ގެ ޙުކުމަށް ޙުކުމް ނުކުރާތީއެވެ. އަދި އެ ބައިމީހުންނާ ދެކޮޅުވެރިވުމަކީ ޖިހާދުގެ ބައެއްގެ ގޮތުގައާއި، ހެޔޮކަންތައް އަމުރުކޮށް ނުބައި ކަންތައް ނަހީކުރުމުގެ ތެރެއިން ކަމެއްގެ ގޮތުގައިވާ ކަމެއްކަމުގައި ވިދާޅުވެއެވެ. އެމަނިކުފާނު ތަރުބިއްޔަތުވެވަޑައިގެންފައިވަނީ ސައްޔިދު ޤުޠުބުގެ ލިޔުންތަކާއި، އެ މަނިކުފާނުގެ އަޚް މުޙައްމަދު ޤުޠުބުގެ ލިޔުންތަކާއި، އަދި އިޚްވާނުލް މުސްލިމީންގެ ޙަރަކާތުގެ އެހެނިހެން މުހިންމު މުޞައްނިފުންގެ ލިޔުންތަކުގެ މައްޗަށެވެ.

2004 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 28 ވަނަ ދުވަހު، ސަޢޫދީ އަރަބިއްޔާއިން ޢުލްވާންގެ މިފަދަ ބައެއް ފަތުވާތަކާ ގުޅިގެން އެ މަނިކުފާނު ހައްޔަރުކުރިއެވެ. އަދި ޝަރީޢަތެއް ނުކޮށް 9 އަހަރު ދުވަހު ބަންދުގައި ބެހެއްޓުމަށްފަހު، 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 5 ވަނަ ދުވަހު އެ މަނިކުފާނު ދޫކޮށްލެވުނެވެ. 2013 ވަނަ އަހަރުގެ އޮކްޓޯބަރު މަހު، އަލްވާންއަށް 15 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ކުރެވުނެވެ. އެއަށްފަހު އަދިވެސް އެނާ ހުންނެވީ ސަޢޫދީ ޖަލުގައެވެ.

މުޒާހަރާ ކުރުމަކީ ޑިމޮކްރަސީގެ މަބާދިޢުތަކުގެ ތެރެއިން ޔަހޫދީންނާއި ނަޞޯރާއިން އުފައްދާފައިވާ ބިދުޢައެކެެވެ. ޞަހާބީންގެ ޢަމަލެއް ނޫނެވެ. އެހެނަސް، ޑިމޮކްރަސީގެ މުޒާހަރާ ހުއްދައެވެ. ކޯޓުތަކުގައިވާ ގާޒީންނަކީ ތޯޣޫތުންނެވެ. އެހެނަސް، ތިމާއާއި ޖެހުނީމާ އެ ތޯޣުންތުން ކައިރިއަށް ހުކުމް އުފުލަން ދިއުންވެސް ހުއްދަވީތާއެވެ. މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެވެ.

وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ. غَفَرَ اللَّهُ لَهُ وَلِوَالِدَيْهِ وَلِجَمِيعِ الْمُسْلِمِينَ.


كَتَبَهُ وَحَرَّرَهُ: اِبْنُ زَيْنَبَ الْفُوَامُولَاكِيُّ ޏ. ފުވައްމަލުގެ ޒައިނަބްގެ ދަރި

خَادِمُ الْعِلْمِ وَالسُّنَّةِ، وَعَبْدٌ فَقِيرٌ إِلَى عَفْوِ رَبِّهِ، أَسْأَلُ اللَّهَ أَنْ يُوَفِّقَنِي لِمَا يُحِبُّ وَيَرْضَى، وَأَنْ يَجْعَلَهُ خَالِصًا لِوَجْهِهِ الْكَرِيمِ