އަބޫ ޤަތާދާ – މަގުފުރެދިފައިވާ، މުސްލިމް އުންމަތް ލޭ އޮހޮރުވުމަށް ކަރުހިއްކައިފައިވާ ތަކްފީރީއެއް
الحمدُ للهِ رَبِّ العالَمينَ، والصلاةُ والسلامُ على رسولِ اللهِ، وبعدُ
އަބޫ ޤަތާދާގެ އަސްލު ނަމަކީ ޢުމަރު ބިން މަޙްމޫދު އަބޫ ޢުމަރު އަލް-އުރުދުނީއެވެ. އޭނާ އަކީ އުރުދުންގެ ޚާރިޖީ އެކެވެ. އަދި އޭނާ މަޝްހޫރުވެފައިވަނީ އަބޫ ޤަތާދާ އަލް-ފަލަސްޠީނީ ،އޭނާގެ އަސްލު ޤައުމަކީ ފަލަސްޠީނު ކަމަށް ދައްކަން ވެގެނެވެ.
މި ހަރުކަށި ފަރުދަކީ އިސްލާމީ ދުނިޔޭގައި، ކިއެއްތަ ހަމައެކަނި އިސްލާމީ ބިންތަކުފައި އޮހޮރިފައިވާ ގިނަ ލޭތަކުގައި އަތްއޮތް މީހެކެވެ. މި ފަރުދު އޭނާގެ ޢަމަލުތައް ދީނުގެ ނަމުގައި ޒީނަތްތެރިކުރެއެވެ. ނަމަވެސް އޭނާ އެކަން ކުރަނީ ހާމަކަމާއެކު ނޫނެވެ. އެކަން ކުރެވެނީ ނުސީދާ ގޮތްތަކަކުންނެވެ.
އޭނާ އަފްޣާނިސްތާނުގެ ހަނގުރާމައަށް ދިޔައެވެ. އެކަމަކު އޭނާއަށް އެތަނަށް ވަދެވުނީ ހަނގުރާމަ ނިމުމަކާ ކައިރިވެފައި އޮއްވައެވެ. އޭނާގެ ސިކުނޑީގައި އޮތީ މުސްލިމުން ކާފިރުކުރުމުގެ ތަކްފީރީ ޚަރިޖީ ވިސްނުމެވެ. އެހެންކަމުން އޭނާ ރައްކާތެރިކަން ހޯދަން އުޅުނީ ލަންޑަނުންނެވެ. އެތަނުން އޭނާއަށް ލިބުނީ ރައްކާތެރިކަމާއި، ހިޔާވަހިކަމާއި، ހިތަށްއެރި ގޮތަކަށް ވާހަކަދެއްކޭނެ ޖާގައެވެ. އޭނާއަށް ސިޔާސީ ހިމާޔަތް ހޯދުމަށް ކާމިޔާބުވި އެވެ. މިގޮތުން އޭނާ ބޭނުންވި ތަނެއް ލިބުމާއެކު، އޭނާގެ ނުބައި ޢަމަލުތައް ފެށީ ވަރަށް ބާރަށެވެ.
އިނގިރޭސިވިލާތުން އޭނާއާއި އޭނާ ފަދަ މީހުންނަށް ވާހަކަ ދެއްކުމުގެ މިނިވަންކަމާއި ތަނަވަސްކަން ދިނުމަކީ ވަރަށް ހިތާމަހުރި ކަމެކެވެ. އެމީހުންނަށް އަރާމުކޮށްލެވޭނެ ތަނެއް ހޯދައިދީ، އެތަނުން މުސްލިމް ޤައުމުތަކަށް އެމީހުންގެ ތަކްފީރުގެ ވިހަ ފެތުރުމުގެ ފުރުޞަތު ދިނީއެވެ. މިއީ ނަޞޯރާއިންނާއި ޔަހޫދީންގެ ބޭނުމެވެ. ޙަޤީޤަތުގައި އިނގިރޭސިވިލާތުން އޭނާ މުސްލިމް ޤައުމުތަކުގައި ތިބި އޭނާގެ އެކުވެރިން ހަރަކާތްތެރިކުރުވީ މުސްލިމުން ކާފިރުކުރުމަށާއި ބޮން ގޮއްވުމަށެވެ. އަބޫ ޤަތާދާގެ އިތުރުން، މުޙައްމަދު އަލް-މިސްޢަރީ، ސަޢުދު އަލް-ފަޤީހު އަދި އެހެނިހެން ތަކްފީރީ މީހުން ވެސް ތިބެއެވެ. މޫސާ ޖިބްރީލްއަށް ވެސް ވަނީ މިފަދަ ތަކްފީރީ ފިކުރު ފެތުރުމަށް ހިމާޔަތް ދީފައެވެ. މި މީހުންގެ ހައްދުފަހަނައަޅާފައިވާ ވިސްނުންތަކަކީ މަޢުލޫމާތު ލިބިފައިވާ މީހުންނަށް އެނގޭ ކަމެކެވެ.
އަބޫ ޤަތާދާ ފަދަ މީހުން ޝައުޤުވެރިވަނީ ހަމައެކަނި އެމީހުން ދީނުން ބޭރުވެއްޖެ ކަމަށް ދެކޭ މުސްލިމުން މެރުމަށެވެ. އެއީ އެމީހުންގެ މައިގަނޑު މަޤްޞަދެވެ. މިއީ ހުޅަނގުގެ ތަޢުލީމީ ދާއިރާތަކުގައި ރަނގަޅަށް ލިޔެކިޔެވިފައިވާ ކަމެއް ނޫނެވެ. މި މީހުންގެ އަސާސީ ފިކުރަކީ ޚަވާރިޖުންގެ ފިކުރެވެ. އެއީ މުޅި މުސްލިމް މުޖުތަމަޢުތައް ދީނުން ބޭރުކުރާ މީހުންނެވެ. އެމީހުން އެހެން ހަދަނީ އެ މުޖުތަމަޢުތަކުގައި ފުރިހަމައަށް ޝަރީޢަތް ޤާއިމުވެފައި ނެތުމާއި، އެމީހުން ދެކޭގޮތުގައި ފާސިދު އަދި އަނިޔާވެރި ވެރިން އެތަންތަން ހިންގާތީއާއި، އަދި މުޖުތަމަޢުގައި ބޮޑެތި ފާފަތައް ކުރެވޭތީއެވެ. މި ފިކުރަކީ އިސްލާމް ދީނުގެ ނަމުގައި މުސްލިމުން ކުރާ ޓެރަރިޒަމްގެ ފެށުމެވެ. މި ޓެރަރިޒަމް އަމާޒުކުރެވެނީ އެންމެ ފުރަތަމަ އަދި އެންމެ ބޮޑަށް މުސްލިމް މުޖުތަމަޢުތަކަށެވެ. މިއީ މައިގަނޑު ގޮތެއްގައި ޣައިރު މުސްލިމުންނަށް ނުވަތަ ޣައިރު މުސްލިމް ޤައުމުތަކަށް ރައްދެއްގެ ގޮތުން އުފެދުނު އެއްޗެއް ނޫނެވެ.
އަބޫ ޤަތާދާ އަލްޖީރިއާ، ސަޢޫދީ ޢަރަބިއްޔާ އަދި އެހެނިހެން މުސްލިމް ޤައުމުތަކުގައި މުޅި ހުޅަނގަށްވުރެ ބޮޑަށް ހަލަބޮލިކަން އުފައްދައި ލޭ އޮހޮރުވާފައިވެއެވެ. އެއީ އޭނާ މުސްލިމް ޤައުމުތަކުގައި ތިބި ޖާހިލު މޮޔަ މީހުންނަށް ރޫޙާނީ މަގުދައްކާ މީހެއްގެ ގޮތުގައާއި ސިޔާސީ ލީޑަރެއްގެ ގޮތުގައި ބަލައިގަނެވިފައިވާތީއެވެ. ހަޤީޤަތުގައި މި މީހުންނަކީ ދީން ބޭނުންކޮށް ދުނިޔެ ހޯދަން އުޅޭ ސިޔާސީންނެވެ. ސިޔާސީ ލީޑަރުންނެވެ. ދީނުގެ ކަންފުޅެއްވެސް އަޞްލުގައި ނެތް ބައެކެވެ. މި މީހުންނަކީ ލޭ އޮހޮރުވުމަށް ކަރުހިއްކާފައިވާ އޭނާއާ އެއް ވިސްނުމެއްގެ ބައެކެވެ. ހިތާމައަކީ، އަބޫ ޤަތާދާ ފަދަ މީހުން ފަލަސްޠީނުގެ މައްސަލަ ފަދަ ޖަޒުބާތު އުފެދޭ ސިޔާސީ މައްސަލަތައް ބޭނުންކުރަނީ އެމީހުންނަށް ތާއީދު ހޯދައި، އެމީހުންނަށް ވަފާތެރިކަން އިތުރުކުރުމަށެވެ. އެކަން ބޭނުންކޮށްގެން އެމީހުން ވަރަށް މަކަރުވެރިކަމާއެކު އެމީހުންގެ އަނިޔާވެރި ފިކުރުތަކާއި ވިސްނުންތައް ކުރިއަރުވައެވެ. މިހާރު ރާއްޖޭގައިވެސް މި ފިކުރުގެ އަހުލުވެރިން ދަނީ ފަލަސްތީނުގެ މައްސަލަ ނަގައި އެތައް ޒުވާނުންނެއް ތަކްފީރީ ޚާރިޖީ ފިކުރަށް ވެއްދުމަށް މަސައްކަތް ކުރަމުންނެވެ. ﷲ އަހަރެމެންގެ ޒުވާނުން ޙިމާޔަތް ކުރައްވާށިއެވެ.
އަބޫ ޤަތާދާ އަލް-ޙަޔާތު ނޫހަށް ދިން އިންޓަވިއުއެއްގައި (19 މެއި 1999) ބުނެފައިވަނީ:
“އަމެރިކާ އަޅުގަނޑުމެންނަށް ހަމަލާދީ، ހަނގުރާމަ ފަށައިފިއްޔާ މެނުވީ އަޅުގަނޑުމެން އަމެރިކާއާ ހަނގުރާމަކުރަން ބޭނުމެއް ނުވަމެވެ. މިއީ އަޅުގަނޑުމެންގެ ބިންތަކުގައި ތިބި ދީނުން ބޭރުވެފައިވާ ވެރިކަންތަކާ ދެކޮޅަށް ކުރާ ހަނގުރާމައާ ތަފާތު ކަމެކެވެ. އެ ވެރިކަންތަކާ ދެކޮޅަށް ޖިހާދުކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބު ޢައިނެކެވެ.“
މިއީ ތަކްފީރުގެ ފިކުރެވެ. މުސްލިމް ސަރުކާރުތައް ދީނުން ބޭރުކުރުމާއި، އޭގެ ފަހުން މުޅި މުޖުތަމަޢުތައް ދީނުން ބޭރުކުރުމުގެ ފިކުރެވެ. މި ފިކުރަށް އާ ދިރުމެއް ގެނުވީ ސައްޔިދު ޤުޠުބުގެ ލިޔުންތަކުންނެވެ. މިއީ މިހާރު ހުރިހާ ތަކްފީރީ އަދި ޖިހާދީ ޖަމާޢަތްތަކުގެ އަސްލެވެ. މިކަމުގެ ސަބަބުން ކުށެއްނެތް ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މެރުމަށް ހުއްދަ ދެވެއެވެ.
މުހިންމު ކަމަކީ، މި މީހުންގެ ނަޒަރުގައި، އެމީހުން ދީނުން ބޭރުވެއްޖެ ކަމަށް ދެކޭ މުސްލިމުންނަކީ ޣައިރު މުސްލިމުންނަށްވުރެ ނުބައި ބައެކެވެ. މި ސަބަބަށްޓަކައި، އަބޫ ޤަތާދާ ބުނި ފަދައިން، މި މީހުން އާންމުކޮށް ބުނަނީ އެފަދަ މީހުން ނައްތާލުމަށް އިސްކަންދޭންވާނެ ކަމަށެވެ.
“އަންހެނުންނާއި ކުޑަކުދިން މެރުމަށް ގޮވާލާ އަބޫ ޤަތާދާގެ އަނިޔާވެރިކަމުން އަޅުތަކުން ސަލާމަތްކުރުން” މި ނަމުގައިވާ ފޮތުގައި، މުޞައްނިފު އަބޫ ޤަތާދާގެ ބަސްތަކުން ސީދާ ޙަވާލާދީ ލިޔެފައިވާ ކަންތައްތަކަކީ:
– އޭނާ ހުރިހާ މުސްލިމް ވެރިން ދީނުން ބޭރުކުރުން (ޞަފްޙާ 55)
އޭނާ އަލްޖީރިއާގެ ސިފައިންގެ ކޮންމެ ފަރުދެއް ދީނުން ބޭރުކުރުން (ޞަފްޙާ 62)
– އޭނާ ސަޢޫދީ ޢަރަބިއްޔާގެ މަޝްހޫރު ޢިލްމުވެރިންނަށް ފުރައްސާރަކުރުން (ޞަފްޙާ 147)
– އޭނާ ދީނީ ދަޢުވަތުދޭ މީހުންނާއި ޢިލްމުވެރިން މެރުމަށް ހުއްދަދޭ ފަތުވާ (ޞަފްޙާ 151)
– އޭނާ އަލްޖީރިއާގައި އަންހެނުންނާއި ކުޑަކުދިން މެރުމަށް ހުއްދަދޭ ފަތުވާ (ޞަފްޙާ 205)
– އޭނާ ރަސޫލު ﷲ ﷺ ގެ ބައެއް ޞަޙާބީންނަށް ފުރައްސާރަކުރުން، އަދި އެކަން ބޭނުންކޮށްގެން އަލްޖީރިއާގެ އިންޤިލާބަށް ތަޢުރީފުކުރުން (ޞަފްޙާ 299)
ރަސޫލު ﷲ ﷺ ގެ ޙަދީޘްފުޅުތަކުގައި ޚަވާރިޖުންނާ މެދު ކުރައްވާފައިވާ ކުށްވެރިކުރެއްވުން ރަނގަޅަށް ލިޔެ ވިފައިވެއެވެ.
އަލް-ބުޚާރީގެ ޞަޙީޙުގައި (ނަންބަރު 6930) ރިވާވެގެންވާ ގޮތުގައި:
“އާޚިރު ޒަމާނުގައި ޒުވާން އުމުރުގެ، މޮޔަ ސިކުނޑިތަކެއްގެ ބަޔަކު ނުކުންނާނެއެވެ. އެމީހުން ވާހަކަދައްކާނީ (ފެންނަ ގޮތުގައި) މަޚްލޫޤުންގެ އެންމެ ރީތި ވާހަކައިންނެވެ. އެމީހުންގެ އީމާންކަން އެމީހުންގެ ކަރުއަޑިން ތިރިއަކަށް ނުފައިބާނެއެވެ. އެމީހުން ދީނުން ބޭރުވާނީ ތީރެއް ޝިކާރައިގެ ތެރެއިން ނުކުންނަ ފަދައިންނެވެ. ފަހެ، އެމީހުން ފެނުނު ތަނެއްގައި ޤަތުލުކުރާށެވެ. ހަމަކަށަވަރުން އެމީހުން މެރުމުގައި ޤިޔާމަތް ދުވަހު އެމީހުން މަރާ މީހަކަށް ޘަވާބު ހުއްޓެވެ.”
އަދި ރަސޫލު ﷲ ﷺ އެމީހުންނާ ބެހޭގޮތުން އިތުރަށް ޙަދީޘްކުރެއްވިއެވެ.
“އެމީހުންނަކީ މަޚްލޫޤުންގެ ތެރެއިން އެންމެ ނުބައި ބައެކެވެ.”
އަދިވެސް:
“އަހަރެން އެމީހުންނާ ހަމައަށް ވާސިލުވެއްޖެނަމަ، ޢާދުގެ މީހުން ޛަބަޙަކުރި ފަދައިން އެމީހުން ޛަބަޙަކުރާނަމެވެ.”
އަދި ޚަވާރިޖުންނާ ބެހޭގޮތުން ވިދާޅުވިއެވެ:
“އެމީހުންނަކީ ނަރަކައިގެ ކުއްތާތަކެވެ.”
މިއީ ރަސޫލު ﷲ ﷺ ގެ ރަނގަޅަށް ލިޔެކިޔެވި، ޞައްޙަކަން ސާބިތުވެފައިވާ ޙަދީޘްފުޅުތަކެކެވެ.
ޙަޤީޤަތުގައި، އަބޫ ޤަތާދާ ފަދަ މީހުން އެމީހުން ދީނުން ބޭރުކުރާ މުސްލިމުންނަކީ ޣައިރު މުސްލިމުންނަށްވުރެ ބޮޑެތި ކާފިރުންނާއި ﷲ ގެ އަދާވާތްތެރިން ކަމަށް ދެކެއެވެ. އަބޫ ޤަތާދާ އޭނާގެ ޖަމާޢަތް ފަޚުރުވެރިވެ، ތަޢުރީފުކުރަމުން ބުނެފައިވަނީ:
“އެމީހުން (ޔާސިރު) ޢަރަފާތުގެ ވެރިކަމުގެ ދަށުގައިވާ ޢަރަފާތުގެ ފުލުހުންނާއި ޔަހޫދީންގެ ސިފައިންނާއި ފުލުހުންނާ ދެމެދު އެއްވެސް ތަފާތެއް ނުދެކެއެވެ. އެންމެ ތަފާތެއް ފިޔަވައި: އެއީ ޢަރަފާތާއި އޭނާގެ ސަރުކާރަކީ އެމީހުންނަށްވުރެ ބޮޑަށް ކުފުރުވެރިވެފައިވާ ބައެއް ކަމެވެ…”
މި ބަސްތަކާއި އަބޫ ޤަތާދާގެ އެހެނިހެން ގިނަ ބަސްތައް ކުރިން ބުނެވުނު ފޮތުން ފެންނާނެއެވެ.
މި ސިފައަކީ ހަމައެކަނި އަބޫ ޤަތާދާއަށް ޚާއްޞަ ސިފައެއް ނޫނެވެ. އެހެނަސް މިއީ މިޒަމާނުގެ ހުރިހާ އާ ޚަވާރިޖުންގެ ސިފައެކެވެ. ﷲ އެމީހުން ހަލާކުކުރައްވާށިއެވެ. މި ފިކުރު އައިމަން އައް-ޡަވާހިރީގެ ފަރާތުންވެސް އަޑުއިވެއެވެ. މުންތަޞިރު އައް-ޒައްޔާތު އޭނާގެ “ދަ ޕާތް ޓު އަލް-ޤާޢިދާ” މި ފޮތުގައި އައް-ޡަވާހިރީގެ މި ފިކުރުގެ ބައެއް ބައިތައް ބަޔާންކޮށްފައިވެއެވެ. އޭނާ ބުނެފައިވަނީ:
“އައް-ޡަވާހިރީ ދިގު މުއްދަތެއްގައި ތަކުރާރުކޮށް ބުނަމުން އައީ ޖިހާދުގެ ގޮތުގައި ޤަބޫލުކުރެވޭނީ ހަމައެކަނި ހަތިޔާރު އުފުލައިގެން ކުރާ ހަނގުރާމައޭ، އަދި ތެދުވެރި މުސްލިމެއްގެ މައްޗަށް ވާޖިބުވެގެންވަނީ އެތެރޭގެ ކުފުރު – ކައިރީގައިވާ އަދުއްވު – އާ ކުރިމަތިލުމަށޭ، އަދި އޭގެ ފަހުން ބޭރުގެ ކުފުރު – ދުރުގައިވާ އަދުއްވު – އާ ކުރިމަތިލުމަށޭ. އަދި އައް-ޡަވާހިރީ އޭނާގެ ފިކުރުގައި ބާރުއަޅަނީ ބޭރުގެ އަދުއްވުގެ ކުރިން ކައިރީގައިވާ (އެތެރޭގެ) އަދުއްވުއާ ދެކޮޅަށް ޖިހާދުކުރުމަށެވެ. އޭނާ މިކަން ބަޔާންކޮށްފައިވަނީ 1995 ވަނަ އަހަރުގެ އޭޕްރީލް މަހު ނެރުނު “އަލް-މުޖާހިދޫން” މަޖައްލާގައި ލިޔުނު “އަލް-ޤުދުސްއަށް ދާ މަގު ޤާހިރާއިން ފާސްވެގެންދެއެވެ” މި ސުރުޚީގެ ލިޔުމެއްގައެވެ. އޭނާ އެ ލިޔުމުގައި ބުނެފައިވަނީ، “އަލް-ޤުދުސް ފަތަޙަ ނުކުރެވޭނެއެވެ. އަދި އެތަން ހަމަޖެހުމަކަށް ނާންނާނެއެވެ. މިޞްރާއި އަލްޖީރިއާގެ ހަނގުރާމަ ނިމުމަކަށް އައުމަށްފަހު މެނުވީ، އަދި ޤާހިރާ ފަތަޙަކުރެވުމަށްފަހު މެނުވީ.” އައް-ޡަވާހިރީގެ އަސާސީ ފިކުރުގައި އޮތީ އެންމެ މުހިންމު އަދި އެންމެ ފުރަތަމަ އަދުއްވަކީ (މުސްލިމް ޤައުމުތަކުގެ) ސިޔާސީ ނިޒާމުކަމަށެވެ. އެއީ އެ ނިޒާމުތަކުން ﷲ ބާވައިލެއްވި ގޮތަށް ޙުކުމް ނުކުރާތީއެވެ.
1990ގެ އަހަރުތަކުގައި އަބޫ ޤަތާބޫ ޤަތާދާ ވަރަށް މުހިންމު ދައުރެއް އަދާކޮށްފައިވަނީ އަލްޖީރިއާގެ އެތައް ހާސް ފިރިހެނުންނާއި، އަންހެނުންނާއި، ކުޑަކުދިން މެރުމުގައެވެ. އެއީ އޭނާގެ ނުބައި ފިކުރު ޙިއްޞާކުރާ މީހުންނަށް “ރޫޙާނީ މަގުދެއްކުން” ދިނުމުގެ ގޮތުންނެވެ. އަދި އޭނާގެ މި މަކަރުވެރި ޢަމަލުތައް ދެމިގެން ދިޔައީ ޖެހިގެން އައި އަހަރުތަކަށް ވެސް ވަދެގެންނެވެ.
وَصَلَّى اللَّهُ وَسَلَّمَ وَبَارَكَ عَلَى نَبِيِّنَا مُحَمَّدٍ، وَعَلَى آلِهِ وَأَصْحَابِهِ أَجْمَعِينَ




