ޖިހާދުގެ މާތް މަޤްޞަދާއި ހަނގުރާމައިގައި ކާފިރުން ޤަތުލުކުރުމުގެ ޙިކުމަތް – ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ (އުފަންވީ 661 – ވަފާތު 726 ހ.) (رحمه الله) ވިދާޅުވިއެވެ.

وَإِذَا كَانَ أَصْلُ الْقِتَالِ الْمَشْرُوعِ هُوَ الْجِهَادُ وَمَقْصُودُهُ هُوَ أَنْ يَكُونَ الدِّينُ كُلُّهُ لِلَّهِ وَأَنْ تَكُونَ كَلِمَةُ اللَّهِ هِيَ الْعُلْيَا فَمَنْ امْتَنَعَ مِنْ هَذَا قُوتِلَ بِاتِّفَاقِ الْمُسْلِمِينَ

“އަދި ޝަރުޢުވެގެންވާ ޤިތާލުގެ (ހަނގުރާމައިގެ) އަސްލަކީ ޖިހާދު ކަމުގައިވާ ހިނދު، އަދި އޭގެ މަޤްޞަދަކީ ދީން އެކުގައި ﷲއަށް ޓަކައި ވުމާއި، އަދި ﷲގެ ކަލިމަފުޅު (ޤުރުއާން) އެއީ އެންމެ މަތިވެރި (ބަސްފުޅު) ކަމުގައި ވުން ކަމުގައިވާ ހިނދު، ފަހެ މިކަމަށް މަނަޢަވެ އިންކާރުކުރާ މީހަކާ ދެކޮޅަށް ހަނގުރާމަ ކުރުމަކީ މުސްލިމުންގެ އިއްތިފާޤުން ހަނގުރާމަކުރެވޭނެއެވެ.”

وَأَمَّا مَنْ لَمْ يَكُنْ مِنْ أَهْلِ الْمُمَانَعَةِ وَالْمُقَاتِلَةِ كَالنِّسَاءِ وَالصِّبْيَانِ وَالرَّاهِبِ وَالشَّيْخِ الْكَبِيرِ وَالْأَعْمَى وَالزَّمِنِ وَنَحْوِهِمْ فَلَا يُقْتَلُ عِنْدَ جُمْهُورِ الْعُلَمَاءِ

“އަދި ދެކޮޅުވެރިކަމާއި ހަނގުރާމަކުރުމުގެ ބައިވެރިންގެ ތެރެއިން ނުވާ އަންހެނުންނާއި، ކުޑަކުދިންނާއި، ރާހިބުންނާއި، ދުވަސްވީ މުސްކުޅިންނާއި، ލޯފަން މީހުންނާއި، ނުކުޅެދޭ މީހުންނާއި، އަދި އެފަދަ އެހެން މީހުން ފަދަ، މީހުންނާ ދޭތެރޭ، ޢިލްމުވެރިންގެ ޖުމްހޫރުގެ އަރިހުގައި (އެބައިމީހުން) މަރައެއް ނުލެވޭނެއެވެ.”

إلَّا أَنْ يُقَاتِلَ بِقَوْلِهِ أَوْ فِعْلِهِ وَإِنْ كَانَ بَعْضُهُمْ يَرَى إبَاحَةَ قَتْلِ الْجَمِيعِ لِمُجَرَّدِ الْكُفْرِ ؛ إلَّا النِّسَاءَ وَالصِّبْيَانَ ؛ لِكَوْنِهِمْ مَالًا لِلْمُسْلِمِينَ.

“އެމީހެއްގެ ބަހުން ނުވަތަ ޢަމަލުން ހަނގުރާމަކުރާ ޙާލަތުގައިވާ (ފަރާތް) މެނުވީއެވެ. އަދި ބައެއް (ޢިލްމުވެރިން) ދެކޭގޮތުގައި ހަމައެކަނި ކާފިރުވުމުގެ ސަބަބުން އެންމެންވެސް މެރުން ހުއްދަވެގެންވެއެވެ. އަންހެނުންނާއި ކުޑަކުދިން ފިޔަވައެވެ. އެއީ އެބައިމީހުންނަކީ މުސްލިމުންގެ މުދަލަކަށްވާތީއެވެ.”

وَالْأَوَّلُ هُوَ الصَّوَابُ ؛ لِأَنَّ الْقِتَالَ هُوَ لِمَنْ يُقَاتِلُنَا إذَا أَرَدْنَا إظْهَارَ دِينِ اللَّهِ

“އަދި ފުރަތަމަ (ބަޔާންކުރެވުނު ރައުޔު ) ޞައްޙަ ވެގެންވެއެވެ. އެހެނީ ހަމަކަށަވަރުން ހަނގުރާމައަކީ އަހަރެމެން ﷲގެ ދީން ފާޅުކުރަން އެދޭހިނދު، އަހަރެމެންނާ ހަނގުރާމަކުރާ މީހުންނާ ދެކޮޅަށް (ކުރެވޭ) ކަމެކެވެ.”

كَمَا قَالَ اللَّهُ تَعَالَى : {وَقَاتِلُوا فِي سَبِيلِ اللَّهِ الَّذِينَ يُقَاتِلُونَكُمْ وَلَا تَعْتَدُوا إنَّ اللَّهَ لَا يُحِبُّ الْمُعْتَدِينَ}

“މާތް ﷲ ވަޙީ ކުރެއްވި ފަދައިންނެވެ. މާނަ (އަދި ތިޔަބައިމީހުން ﷲ ގެމަގުގައި ހަނގުރާމަކުރާށެވެ! ތިޔަބައިމީހުންނާ ހަނގުރާމަކުރާ ބަޔަކާއެވެ. އަދި ތިޔަބައިމީހުން ހައްދުފަހަނަޅައި ނުދާށެވެ! (އެބަހީ: އަންހެނުންނާ ކުޑަކުދިން މަރައިނުހަދާށެވެ!) ހަމަކަށަވަރުން ﷲ تعالى ހައްދުފަހަނަޅައިދާ ބަޔަކަށް ލޯބިވެވޮޑި ނުގަންނަވައެވެ!)”

وَفِي السُّنَنِ عَنْهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ { أَنَّهُ مَرَّ عَلَى امْرَأَةٍ مَقْتُولَةٍ فِي بَعْضِ مَغَازِيهِ قَدْ وَقَفَ عَلَيْهَا النَّاسُ . فَقَالَ : مَا كَانَتْ هَذِهِ لِتُقَاتِلَ } { وَقَالَ لِأَحَدِهِمْ : الْحَقْ خَالِدًا فَقُلْ لَهُ : لَا تَقْتُلُوا ذُرِّيَّةً وَلَا عَسِيفًا } .


“އަދި ސުނަނުތަކުގައި ރަސޫލާ ﷺ ގެ ކިބައިން ރިވާވެގެންވެއެވެ: {ހަމަކަށަވަރުން އެކަލޭގެފާނު އެކަލޭގެފާނުގެ ބައެއް ހަނގުރާމަތަކުގައި މަރައިލެވިފައިވާ އަންހެނަކާ ދިމާވެވަޑައިގަތެވެ. މީސްތަކުން އޭނާގެ ކައިރީގައި މަޑުކޮށްގެން ތިއްބެވެ. ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ: މި (އަންހެނާ) އަކީ ހަނގުރާމަކުރާނެ މީހެއް ނޫނެވެ.} {އަދި އެކަލޭގެފާނު އެބައިމީހުންގެ ތެރެއިން އެކަކަށް ވިދާޅުވިއެވެ. ޚާލިދުގެ ގާތަށް ގޮސް އޭނާއަށް ބުނާށެވެ. އަންހެނުންނާއި ކުޑަކުދިންނާއި އަޅު (މަސައްކަތްތެރިން، ޚާދިމުން) ނުމަރާށެވެ.}”

وَفِيهِمَا أَيْضًا عَنْهُ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ كَانَ يَقُولُ : { لَا تَقْتُلُوا شَيْخًا فَانِيًا وَلَا طِفْلًا صَغِيرًا وَلَا امْرَأَةً }

“އަދި އެ ދެ (ޞަޙީޙު) ފޮތުގައިވެސް ރަސޫލާ ﷺ ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ވިދާޅުވާކަމުގައިވިއެވެ. {ދުވަސްވީ މުސްކުޅިއަކު، ކުޑަކުއްޖަކު އަދި އަންހެނަކު ނުމަރާށެވެ.}”

وَذَلِكَ أَنَّ اللَّهَ تَعَالَى أَبَاحَ مِنْ قَتْلِ النُّفُوسِ مَا يَحْتَاجُ إلَيْهِ فِي صَلَاحِ الْخَلْقِ

“އަދި އެއީ ހަމަކަށަވަރުން މާތްﷲ ތަޢާލާ ނަފްސެއް ޤަތުލުކުރުން ހުއްދަ ދެއްވާފައިވަނީ ހަމައެކަނި މަޚްލޫޤާތުގެ މަޞްލަހަތަށް (ނުވަތަ ހެވާއި ލާބައަށް) ބޭނުންވާ މިންވަރަށް އެކަނި ކަމަށްވާތީއެވެ.”

كَمَا قَالَ تَعَالَى : {وَالْفِتْنَةُ أَكْبَرُ مِنَ الْقَتْلِ} . أَيْ أَنَّ الْقَتْلَ وَإِنْ كَانَ فِيهِ شَرٌّ وَفَسَادٌ فَفِي فِتْنَةُ الْكُفَّارِ مِنْ الشَّرِّ وَالْفَسَادِ مَا هُوَ أَكْبَرُ مِنْهُ فَمَنْ لَمْ يَمْنَعْ الْمُسْلِمِينَ مِنْ إقَامَةِ دِينٍ لِلَّهِ لَمْ تَكُنْ مَضَرَّةَ كُفْرِهِ إلَّا عَلَى نَفْسِهِ ؛

“ﷲ ތަޢާލާ ވަޙީ ކުރެއްވި ފަދައިންނެވެ. وَالْفِتْنَةُ أَكْبَرُ مِنَ الْقَتْلِ ۗ وَلَا يَزَالُونَ يُقَاتِلُونَكُمْ حَتَّىٰ يَرُدُّوكُمْ عَن دِينِكُمْ إِنِ اسْتَطَاعُوا ۚ وَمَن يَرْتَدِدْ مِنكُمْ عَن دِينِهِ فَيَمُتْ وَهُوَ كَافِرٌ فَأُولَـٰئِكَ حَبِطَتْ أَعْمَالُهُمْ فِي الدُّنْيَا وَالْآخِرَةِ ۖ وَأُولَـٰئِكَ أَصْحَابُ النَّارِ ۖ هُمْ فِيهَا خَالِدُونَ  މާނަ “އަދި ޤަތުލު ކުރުމަށްވުރެ ފިތުނަވެރިކަން (ޝިރުކު) ނުބައިކަން މާބޮޑެވެ. އަދި އެއުރެންނަށް ކުޅަދާނަވެގެން ވަނީނަމަ، ތިޔަބައިމީހުންގެ ދީނުން މުރުތައްދު ވެއްޖައުމަށް ދާންދެން ތިޔަބައިމީހުންނާ ހަނގުރާމަ ކުރުމުގައި އެއުރެން ފިލައިނުދާނެއެވެ. ތިޔަބައިމީހުންގެ ތެރެއިން މުރުތައްދުވެ، ކާފިރަކު ކަމުގައިވާ ޙާލު، މަރުވާ މީހުންނީ، ދުނިޔެއާއި އާޚިރަތުގައި އެއުރެންގެ ޢަމަލުތައް ބާޠިލުވެ އުވިގޮސްފައިވާ ބަޔެކެވެ. އަދި އެއުރެންނީ، ނަރަކައިގެ އަހުލުވެރިންނެވެ. އެއުރެން ދެމިތިބޭނީ، ހަމަ އެތާނގައެވެ.”

“އެބަހީ ހަމަކަށަވަރުން މެރުމުގައި ނުބައިކަމާއި ފަސާދަވެރިކަން ވީނަމަވެސް، ކާފިރުންގެ ފިތުނައިގައި (ޝިރުކާއި ކުފުރުގައި) އެއަށްވުރެ މާ ބޮޑު ނުބައިކަމާއި ފަސާދަވެރިކަމެއް ވެއެވެ. ފަހެ މުސްލިމުން، ﷲހަށްޓަކައި ދީން ޤާއިމުކުރުމަށް ހުރަސްނާޅާ މީހާގެ ކުފުރުގެ ގެއްލުމެއް އޭނާގެ އަމިއްލަ ނަފްސަށް މެނުވީ ނުވެއެވެ.”

وَلِهَذَا قَالَ الْفُقَهَاءُ : إنَّ الدَّاعِيَةَ إلَى الْبِدَعِ الْمُخَالِفَةِ لِلْكِتَابِ وَالسُّنَّةِ يُعَاقَبُ بِمَا لَا يُعَاقَبُ بِهِ السَّاكِتُ

“މިހެންވެ، އިސްލާމް ދީން ފުރިހަމައަށް ފަހުމްވެފައިވާ ފުޤަހާއިން ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން ޤުރުއާނާއި ސުންނަތާ ޚިލާފު ބިދުޢައަށް ގޮވާލާ މީހާއަށް، އެފަދަ ކަންކަމާމެދު ހަނުހުންނަ މީހާއަށް ނުދެވޭ އުޤޫބާތާއި އަދަބު ދެވޭނެ ހުއްޓެވެ.”

وَجَاءَ فِي الْحَدِيثِ : {أَنَّ الْخَطِيئَةَ إذَا أُخْفِيَتْ لَمْ تُضَرَّ إلَّا صَاحِبَهَا ؛ وَلَكِنْ إذَا ظَهَرَتْ فَلَمْ تُنْكَرْ ضَرَّتْ الْعَامَّةَ}

“ޙަދީޘްގައި އައިސްފައިވެއެވެ. {ހަމަކަށަވަރުން ފާފައެއް ވަންހަނާކޮށްފިނަމަ، އެކަމުގެ ގެއްލުން ލިބޭނީ ހަމައެކަނި އެ ފާފަކުރި މީހާއަށެވެ. އެހެނަސް، އެ (ފާފަ) ފާޅުވެ، އެކަމާމެދު އިންކާރު ނުކުރެވިއްޖެނަމަ، އެކަމުގެ ގެއްލުން އާންމުންނަށް ފޯރާނެއެވެ.}”

وَلِهَذَا أَوْجَبَتْ الشَّرِيعَةُ قِتَالَ الْكُفَّارِ وَلَمْ تُوجِبْ قَتْلَ الْمَقْدُورِ عَلَيْهِمْ مِنْهُمْ؛

“އަދި މިހެންވެ، ޝަރީޢަތުގައި ކާފިރުންނާ ހަނގުރާމަކުރުން ވާޖިބުކުރެއްވިއެވެ. އެހެނަސް، އެމީހުންގެ ތެރެއިން (މުސްލިމުންގެ) ބާރުގެ ދަށަށް އައިސްފައިވާ މީހުން މެރުން ވާޖިބެއް ނުކުރެއްވިއެވެ.”

بَلْ إذَا أُسِرَ الرَّجُلُ مِنْهُمْ فِي الْقِتَالِ أَوْ غَيْرِ الْقِتَالِ مِثْلَ أَنْ تُلْقِيَهُ السَّفِينَةُ إلَيْنَا أَوْ يَضِلَّ الطَّرِيقَ أَوْ يُؤْخَذَ بِحِيلَةِ فَإِنَّهُ يَفْعَلُ فِيهِ الْإِمَامُ الْأَصْلَحَ مِنْ قَتْلِهِ أَوْ اسْتِعْبَادَهُ أَوْ الْمَنَّ عَلَيْهِ أَوْ مُفَادَاتَهُ بِمَالِ أَوْ نَفْسٍ عِنْدِ أَكْثَرِ الْفُقَهَاءِ كَمَا دَلَّ عَلَيْهِ الْكِتَابُ وَالسُّنَّةُ .

“އަދި ކިއެއްތަ، އެބައިމީހުންގެ ތެރެއިން މީހަކު ހައްޔަރުކުރެވިއްޖެނަމަ – އެއީ ހަނގުރާމައިގެ ތެރޭގައި ނުވަތަ ހަނގުރާމައިގެ ބޭރުގައި ވިޔަސް، މިސާލަކަށް އޭނާ އަޅުގަނޑުމެންގެ ގޮނޑުދޮށަށް ނަވެއްގަ އައްސާލައިފިނަމަ، ނުވަތަ އޭނާ މަގު ގެއްލިއްޖެނަމަ، ނުވަތަ އޭނާ ހީލަތަކުން ހިފެހެއްޓިއްޖެނަމަ، ފަހެ ހަމަކަށަވަރުން އިމާމު ( މުސްލިމް ވެރިޔާ) އޭނާއާމެދު އެންމެ މަޞްލަޙަތު ހުރި ގޮތް ޚިޔާރުކުރާނެއެވެ. އެއީ އޭނާ މެރުން، ނުވަތަ އަޅަކަަށް ހެދުން، ނުވަތަ އޭނާ މާފުކުރުން މިނިވަންކޮށްލުން، ނުވަތަ މުދަލަކުން ނުވަތަ މީހަކަށް ބަދަލުކުރުމެވެ. މިއީ ގިނަ ފިޤުހު ޢިލްމުވެރިންގެ ރައުޔެވެ. ޤުރުއާނާއި ސުންނަތުން މިކަމަށް ދަލީލުކުރާ ފަދައިންނެވެ.”

 وَإِنْ كَانَ مِنْ الْفُقَهَاءِ مَنْ يَرَى الْمَنَّ عَلَيْهِ وَمُفَادَاتَهُ مَنْسُوخًا .

“އަދި ފިޤުހު ޢިލްމުވެރިންގެ ތެރެއިން، އޭނާ (ހައްޔަރުކުރެވިފައިވާ ކާފިރު) ގެ މައްޗަށް މާފުދިނުން (އަލް މަންނަ ޢަލައިހި)، މުދަލުގެ ބަދަލުގައި ދޫކޮށްލުން (މުފާދާތުހު) މަންސޫޚުވެފައިވާ (އުވާލެވިފައިވާ) ކަމަށް ދެކޭ ބަޔަކު ތިބިކަމުގައި ވިޔަސް މެއެވެ.”

فَأَمَّا أَهْلُ الْكِتَابِ وَالْمَجُوسُ فَيُقَاتَلُونَ حَتَّى يُسْلِمُوا أَوْ يُعْطُوا الْجِزْيَةَ عَنْ يَدٍ وَهُمْ صَاغِرُونَ .

“ފަހެ، އަހުލުކިތާބީންނާއި މަޖޫސީންނާ ދެކޮޅަށް ހަނގުރާމަކުރެވޭނީ އެމީހުން އިސްލާމްވުމަށް ދާންދެން ނުވަތަ ނިކަމެތިކަމާއެކު އެމީހުން އަތްތަކުން ޖިޒުޔަ ދެއްކުމަށް ދާންދެނެވެ.”

وَمَنْ سِوَاهُمْ فَقَدْ اخْتَلَفَ الْفُقَهَاءُ فِي أَخْذِ الْجِزْيَةِ مِنْهُمْ إلَّا أَنَّ عَامَّتَهُمْ لَا يَأْخُذُونَهَا مِنْ الْعَرَبِ

“އަދި އެމީހުން (އަހުލުކިތާބީންނާއި މަޖޫސީން) ފިޔަވައި އެހެން މީހުންގެ ކިބައިން ޖިޒުޔަ ނެގުމާމެދު ފިޤުހު ޢިލްމުވެރިން ޚިލާފުވެފައިވެއެވެ. އެހެނަސް، އެ ޢިލްމުވެރިންގެ ޢާންމު ރައުޔަކީ ޢަރަބިންގެ ކިބައިން ޖިޒުޔަ ނުނެގުމެވެ.”

“އެބައިމީހުން (އަހުލުކިތާބީންނާއި މަޖޫސީން) ފިޔަވައި އެހެން މީހުންނާ ބެހޭގޮތުން، އެބައިމީހުންގެ ކިބައިން ޖިޒުޔާ ނެގުމާ ބެހޭގޮތުން ފިޤުހުވެރިން ޚިލާފުވެފައިވެއެވެ. “ނަމަވެސް، އެބައިމީހުންކުރެ ގިނަ ބަޔަކު ޢަރަބިންގެ ކިބައިން އެ (ޖިޒުޔަ) ނުނަގައެވެ.”

(މަޞްދަރު: އަލް މަޖްމޫޢުލް ފަތާވާ، އަލްބާޒް މުޖައްލަދު، 28/352) مجموع الفتاوى ( الباز المعدلة ) (28/ 352)

އިބްނު ތައިމިއްޔާގެ ބަސްފުޅު ނިމުނީއެވެ.

ފައިދާތައް:

(1) ހަނގުރާމަ ޖިހާދަކަށްވަނީ އެ ހަނގުރާމައަކުން ﷲ ގެ ކަލިމަ މަތިވެރި ކުރެވޭ ޖިހާދެކެވެ.

އެކަލާނގެ ކަލިމަ ޤުރުއާން އަދި ސުންނަތް، ދީން ދަށްކޮށް، ދެރަކޮށް، ނިކަމެތިކޮށް އިހާނެތިކުރެވޭ ހަނގުރާމައަކީ ޝަރުޢީ ޖިހާދެއް ނޫނެވެ. އެ ހަނގުރާމައެއް ކޮށްގެން މުސްލިމުންގެ އެތައް ބައެއް (ބޮޑު ބައިގަނޑު) ނެތި ފަނާވެދާނެ ހަނގުރާމައަކީ ޝަރުޢީ ޖިހާދަކަށް ނުވާނެއެވެ. ޖިހާދު ޝަރުޢު ކުރެވިފައިވަނީ އިސްލާމްދީން ފެތުރުމާއި، ދީނަށް ހުރަސް އެޅޭ ކަންކަން ނައްތާލުމަށެވެ. އަދި އިސްލާމް ދީން އެންމެ މަތިވެރި އަދި ބާރުގަދަ ދީނުގެ ގޮތުގައި ވުމަށެވެ. މިއީ ﷲ އަށް ޓަކައި ކުރެވޭ ކަމެކެވެ. މިއީ ޤަދީމީ ޒަމާނުއްސުރެ ތިމާގެ އަތުގައި އޮތް ބިމަށްޓަކައި، ތިމާގެ ރަށައްޓަކައި ވަޠަނަށްޓަކައި، ތިމާގެ ޤަބީލާއަށްޓަކައި އަވަށަށްޓަކައި، ތިމާގެ ޕާޓީއާއި ޖަމާޢަތަށްޓަކައި ކުރެވޭ ކަމެއް ނޫނެވެ. ޖިހާދު ކުރަނީ ޚާލިސް ދުނިޔަވީ ބޭނުމެއްގައެއް ނޫނެވެ. ބައެއް ޖަމާޢަތްތަކުން ހަނގުރާމަ ކުރަނީ މުދާ އެއްކުރުމަށެވެ. ބީން ހޯދުމަށެވެ. ދީން ބޭނުންކޮށް ދުނިޔެ ހޯދުމަށެވެ. ޖިހާދުގެ ޝަރުޠުތައް ކަމުގައި ޝަރުޢުގައި އަންގަވާފައިވާ ޝަރުޠުތައް ހަމަނުވާ ހަނގުރާމަ ޖިހާދަކަށް ނުވާނެއެވެ. ﷲ ގަންދީ ބުނަމެވެ. އީރާނުގެ ރާފިޟީން، ލުބުނާނުގެ ނަޞްރުﷲ އަދި ޔަމަނުގެ ޙޫޘީން ކުރާ ހަނގުރާމައަކީ ޝަރުޢީ ޖިހާދުގެ ވަސްވެސް ނުޖެހޭ އެއްޗެކެވެ.

(2) ޤަތުލުކުރުމުގެ އަޞްލަކީ ނަހީއެވެ.

އިސްލާމްދީނުގައި ނަފްސު މެރުމަކީ އަޞްލުގައި ޙަރާމްކަމެކެވެ. ނަމަވެސް، ވަކި ޙާލަތްތަކެއްގައި އެކަން ހުއްދަކުރެވިފައިވެއެވެ. ނަފްސު މެރުން ހުއްދަކުރެވިފައިވަނީ މަޚްލޫޤުންގެ މަޞްލަޙަތަށްޓަކައެވެ. އެބަހީ، މުޖުތަމަޢުގެ ހެވާއި ލާބައަށްޓަކައެވެ. އަދި ހަމައެކަނި ކޮންމެހެން ބޭނުންވާ މިންވަރަށެވެ. މިކަމުގައިވެސް ހައްދުފަހަނައަޅައި ދިއުން މަނާކުރެވިފައިވެއެވެ. އިސްލާމްދީނުގައި ހަނގުރާމައިގެ ޤަވާޢިދުތައް ކަނޑައެޅިފައިވަނީ މުޖުތަމަޢުގެ ލާބައަށް ވިސްނައިގެންނެވެ. އިސްލާމްދީނުގައި ހަނގުރާމައަކީ އަނިޔާވެރިކަމެއްގެ ގޮތުގައި ނުވަތަ ނުޙައްޤުން މީހުން މެރުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެވޭ ކަމެއް ނޫނެވެ.

(3) ޤަތުލުކުރުމަކީ ނުބައިކަން ބޮޑު އަދި ފަސާދަވެރި ޢަމަލެކެވެ. އެހެނަސް ކުފުރުގެ ފިތުނަ އެއްއަށްވުރެ ނުބައެވެ.

ކާފަރުންގެ ޝިރުކާއި ކުފުރުގެ މިއްލަތް ފެތުރުމުގެ ފިތުނައާއި ފާފަވެރިކަމަކީ ޤަތުލުކުރުމަށްވުރެ ބޮޑު ނުބައެކެވެ. މިތަނުގައި އިޚްތިޔާރު މި ކުރެވެނީ ދެ ނުބައިގެ ތެރެއިން ކުޑަ ނުބައެވެ. އެއީ ޟަރޫރަތަކަށްޓަކައެވެ. މުސްލިމުންނަށް އިސްލާމްދީން ޤާއިމްކުރުމަށް ހުރަސްއަޅާ ކާފަރުންގެ ކުފުރުގެ ގެއްލުން ވަނީ އެތައް މުޖުތަމަޢަކާއި އެތައް އަފްރާދުންގެ މައްޗަށެވެ. އެހެނަސް، މުސްލިމުންނަށް އިސްލާމްދީން ޤާއިމުކުރުމަށް ހުރަސްނާޅާ ކާފިރުންގެ ކުފުރުގެ ގެއްލުން ވަނީ ހަމައެކަނި އެމީހުންގެ އަމިއްލަ ނަފްސަށް އެކަންޏެވެ. އިސްލާމްދީނުގައި ހަނގުރާމައަކީ އަނިޔާވެރިކަމެއްގެ ގޮތުގައި ނުވަތަ ހަމައެކަނި ކާފިރުންނަށް އަދަބުދިނުމުގެ ގޮތުން އެމީހުން މަރައި ކުދިކޮށް ޤަތުލުކުރުމުގެ މަޤްޞަދުގައި ކުރެވޭ ކަމެއް ނޫނެވެ. އެހެން ކަމުގައިވާނަމަ، ޖެހުނު ތަނަކުން ކާފަރުން ހިފައި ޤަތުލުކޮށް ކުދިކޮށް ކޮށައި މަރަންވީތާއެވެ. އެހެނަސް، އެއީ މާތް ﷲ ޝަރުޢު ކުރައްވާފައިވާ ޢުމޫމު ގޮތެއް ނޫނެވެ. މި އާޔަތުން ދީނުގެ ޙިކުމަތެއް ފާޅުވެގެން ދެއެވެ. އެއީ ދެ ނުބައިކަމުގެ ތެރެއިން ކުޑަ ނުބައިކަން ޚިޔާރުކުރުމުގެ އުޞޫލެވެ.

(4) ބިދުޢަތަކަށް ފާޅުގައި ގޮވާލާ ޝެއިޚުންނާއި ދުޢާތުންނަށް ހަރުކަށި އަދަބު ދިނުން ހުއްދަވެގެންވާ ކަމެވެ.

ރާފިޟީންގެ ބިދުޢަ، ޚަވާރިޖުންގެ ބިދުޢަ، މުޢުތަޒިލީންގެ ބިދުޢަ، ތަކްފީރު ކުރުމުގެ ބިދުޢަ، ޖަހުމީންގެ ބިދުޢަ، މުރުޖިޢާއިންގެ ބިދުޢަ، އަޝާޢިރާއިންގެ ބިދުޢައަށް އަދި ހައްދާދިއްޔާއިންގެ ބިދުޢައަށް ގޮވާލާ ޝެއިޚުންނާއި މީހުންނަށް އެކަމާމެދު ހަނުހުންނަ މީހުންނަށްވުރެ ހަރުކަށި އަދަބު ދިނުން ހުއްދަވެގެންވެއެވެ. ޤުރުއާނާއި ސުންނަތާ ޚިލާފު ބިދުޢަތަކަށް ގޮވާލުމަކީ އިންތިހާއަށް ނުރައްކާތެރިކަމެކެވެ. އެފަދަ މީހުން އަރުވާލުމާއި، ރަށުން ނެރެލުމާއި، އެކަހެރިކޮށް ބަންދުކޮށް ބޭތިއްބުމަކީ ޝަރީޢަތް ހުއްދަކުރާ ކަމެކެވެ. އެއީ އެމީހުންގެ ބިދުޢައިން މުޖުތަމަޢު ސަލާމަތްކޮށް ރައްކާތެރި ކުރުމަށްޓަކައެވެ. އެ މީހުންނަކީ މުސްލިމުންގެ މުދާފޭރައި ލޫޓުވާ މަގުފޭރޭ ލުޓޭރުންނަށްވުރެ ނުރައްކާ ބައެކެވެ. މިފަދަ ނަރަކައަށް ދަޢުވަތުދޭ ދުޢާތުންނާއި ޝެއިޚުން ދަޢުވަތު ދެނީ މުސްލިމުންގެ ކިބައިން އެމީހުންގެ އިސްލާމް ދީންނުގެ ފޭރާން ލޫޓުވައި ފޭރިގަތުމަށެވެ. މިފަދަ ލާދީނީ ލާސުންނީ ފަރާތްތައް ބަންދުކުރުމަށް ކޮންމެހެން ޝަރުޢީ ކޯޓަކުން އެމީހާގެ މައްޗަށް ކުށް ސާބިތުވެފައިވާ ކަމަށް ހުކުމެއް އައުން ލާޒިމް ނުކުރެއެވެ. އެކަމުގައި ޢިލްމުވެރިންނާއި ސުންނަތުގެ އިމާމުންގެ އިރުޝާދުފުޅާ އެކު، ވަކި ޚާއްޞަ ޙާލަތްތަކުގައި، ޚާއްޞަކޮށް މުޖުތަމަޢުގެ މަޞްލަޙަތު ރައްކާތެރިކުރުމަށްޓަކައި، ވެރިޔާއަށް އަވަސް ފިޔަވަޅު އެޅުމުގެ ބާރު ލިބިގެން ވެއެވެ. މުސްލިމް މުއުމިން ވެރިޔާއަށް އެފަދަ ބިދުޢަވެރި ފިކުރު ފަތުރާ މީހެއް ބަންދުކުރުން ވާޖިބުވެގެންވުން އައުލާ ވެގެންވެއެވެ. އޭނާ އެކަން ނުކޮށް ދޫކޮށްލައިފިނަމަ އޭނާ ފާފަވެރިވުން ގާތްވެގެންވެ އެވެ. އެހެނީ، މި ކަމުގައި އޭނާގެ ޒިންމާ ނުހަނު ބޮޑެވެ. މޮޅަށް ދެނެވޮޑިގަންނަވަނީ ﷲ އެވެ.

ޝައިޚުލް އިސްލާމް رحمه الله ވިދާޅުވިއެވެ.

إذا كان المتكلم فيه داعيا إلى بدعة فهذا يجب بيان أمره للناس فإن دفع شره عنهم أعظم من دفع شر قاطع الطريق (منهاج السنة النبوية5/ 146 )

“އެކަމާ މެދު ވާހަކަދައްކާ މީހާއަކީ ބިދުޢައަށް ގޮވާލާ މީހެއް ކަމުގައިވާނަމަ، މިފަދަ މީހާގެ ކަންތައް މީސްތަކުންނަށް ބަޔާންކޮށްދިނުމަކީ ވާޖިބުވެގެންވާ ކަމެކެވެ. އެހެނީ އޭނާގެ ނުބައިކަމުން މީސްތަކުން ސަލާމަތްކުރުމަކީ މަގުހުރަސްކުރާ މީހެއްހެއްގެ ނުބައިކަމުން މީސްތަކުން ސަލާމަތްކުރުމަށްވުރެ މާ މުހިންމު ކަމެކެވެ.”

ޝައިޚުލް އިސްލާމް رحمه الله ވިދާޅުވިއެވެ.

وَمَنْ لَمْ يَنْدَفِعْ فَسَادُهُ فِي الْأَرْضِ إلَّا بِالْقَتْلِ قُتِلَ مِثْلَ الْمُفَرِّقِ لِجَمَاعَةِ الْمُسْلِمِينَ وَالدَّاعِي إلَى الْبِدَعِ فِي الدِّينِ قَالَ تَعَالَى : ﴿ مِنْ أَجْلِ ذَلِكَ كَتَبْنَا عَلَى بَنِي إسْرَائِيلَ أَنَّهُ مَنْ قَتَلَ نَفْسًا بِغَيْرِ نَفْسٍ أَوْ فَسَادٍ فِي الْأَرْضِ فَكَأَنَّمَا قَتَلَ النَّاسَ جَمِيعًا ﴾ مجموع الفتاوى ( الباز المعدلة ) (28/ 109)


“އަދި ބިމުގައި އޭނާގެ ފަސާދަވެރިކަން ހުއްޓުވޭނީ ހަމައެކަނި ޤަތުލު ކޮށްގެން ކަމުގައިވާނަމަ، އޭނާ ޤަތުލުކޮށް މަރައިލެވޭނެ އެވެ. މުސްލިމުންގެ ޖަމާޢަތް ބައިބައިކުރާ މީހާ އަދި ދީނުގައި ބިދުޢަތަކަށް ގޮވާލާ މީހާ އެއްފަދައިންނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. من أجل ذلك كتبنا على بني إسرائيل أنه من قتل نفسا بغير نفس أو فساد في الأرض فكأنما قتل الناس جميعا ﴿ އެކަމަށްޓަކައި އިސްރާއީލުގެދަރިންގެ މައްޗަށް، ތިމަންރަސްކަލާނގެ ކަނޑައެޅުއްވީމެވެ. ނަފްސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫންގޮތަކަށް، ނަފްސެއް މަރައިފި މީހަކު، އެންމެހާ މީސްތަކުން މެރިފަދައެވެ.” – الفتاوى 18/208

އަދި ވިދާޅުވިއެވެ. وَفِي الصَّحِيحِ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ : { إذَا بُويِعَ لِخَلِيفَتَيْنِ فَاقْتُلُوا الْآخَرَ مِنْهُمَا }

“ޞަޙީޙުގައި ނަބިއްޔާ ﷺ ގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: {ދެ ޚަލީފާއަކަށް ބައިޢަތު ދެވިއްޖެނަމަ، ފަހެ އެ ދެމީހުންކުރެ ފަހުން (ބައިޢަތު ދެވުނު މީހާ) ޤަތުލު ކުރާށެވެ.}”

وَقَالَ : { مَنْ جَاءَكُمْ وَأَمْرُكُمْ عَلَى رَجُلٍ وَأَحَدٍ يُرِيدُ أَنْ يُفَرِّقَ جَمَاعَتَكُمْ فَاضْرِبُوا عُنُقَهُ بِالسَّيْفِ كَائِنًا مَنْ كَانَ } 

“އަދި އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ: {ތިޔަބައިމީހުންގެ ކަންތައް (ވެރިކަން) އެއް މީހެއްގެ މައްޗަށް އޮއްވާ، ތިޔަބައިމީހުންގެ ގާތަށް އައިސް، ތިޔަބައިމީހުންގެ ޖަމާޢަތް ބައިބައިކުރަން އެދޭ މީހާ، އެއީ ކޮންމެ މީހެއް ކަމުގައިވިޔަސް، އޭނާގެ ކަނދުރާގައި ކަނޑިން ޖަހާށެވެ.}”

{وَأَمَرَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِقَتْلِ رَجُلٍ تَعَمَّدَ عَلَيْهِ الْكَذِبَ}

“އަދި ނަބިއްޔާ ﷺ އެކަލޭގެފާނުގެ މައްޗަށް ގަސްދުގައި ދޮގު ހެދި މީހަކު މެރުމަށް އަމުރުކުރެއްވިއެވެ.”

{وَسَأَلَهُ ابْنُ الديلمي عَمَّنْ لَمْ يَنْتَهِ عَنْ شُرْبِ الْخَمْرِ ؟ فَقَالَ : مَنْ لَمْ يَنْتَهِ عَنْهَا فَاقْتُلُوهُ.}

“އަދި އިބްނުއް ދައިލަމީ އެކަލޭގެފާނާ ސުވާލުކުރެއްވިއެވެ. ރާބުއިމުން ނުހުއްޓޭ މީހާއާމެދު (ކިހިނެއްތޯއެވެ)؟ ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ: އެކަމުން ނުހުއްޓޭ މީހާ މަރާށެވެ.

ހަދީޘްތައް ބަޔާން ކުރުމަށް ފަހު، ޝެއިޚުލް އިސްލާމް رحمه الله ވިދާޅުވިއެވެ. فَلِهَذَا ذَهَبَ مَالِكٌ وَطَائِفَةٌ مِنْ أَصْحَابِ أَحْمَد إلَى جَوَازِ قَتْلِ الْجَاسُوسِ. وَذَهَبَ مَالِكٌ وَمَنْ وَافَقَهُ مِنْ أَصْحَابِ الشَّافِعِيِّ إلَى قَتْلِ الدَّاعِيَةِ إلَى الْبِدَعِ. “މި ސަބަބަށްޓަކައި، އިމާމު މާލިކް އަދި އިމާމު އަޙްމަދުގެ ޞަޙާބީންގެ ތެރެއިން ބަޔަކު ދެކެވަޑައިގަންނަވަނީ ޖާސޫސު (ސިއްރުން މަޢުލޫމާތު ހޯދާ މީހާ) މެރުން ހުއްދަވެގެންވާ ކަމަށެވެ.” “އަދި އިމާމު މާލިކް އަދި އިމާމު ޝާފިޢީގެ ޞަޙާބީންގެ ތެރެއިން އެކަލޭގެފާނާ އެއްބަސްވާ ބޭކަލުން ދެކެވަޑައިގަންނަވަނީ ބިދުޢަތަކަށް ގޮވާލާ މީހާ މެރުން ހުއްދަވެގެންވާ ކަމަށެވެ.

وَمِنْ أَنْوَاعِ التَّعْزِيرِ : النَّفْيُ وَالتَّغْرِيبُ ؛ كَمَا كَانَ عُمَرُ بْنُ الْخَطَّابِ يُعَزِّرُ بِالنَّفْيِ فِي شُرْبِ الْخَمْرِ إلَى خَيْبَرَ ؛ وَكَمَا نَفَى صَبِيغَ بْنَ عِسْلٍ إلَى الْبَصْرَةِ وَأَخْرَجَ نَصْرَ بْنَ حَجَّاجٍ إلَى الْبَصْرَةِ لَمَّا افْتَتَنَ بِهِ النِّسَاءُ

“އަދި ތަޢުޒީރުގެ (އަދަބު ދިނުމުގެ) ބާވަތްތަކުގެ ތެރޭގައި: ނަފީކުރުން (ދުރުކުރުން) އަދި ތަޣްރީބުކުރުން (އަރުވާލުން) ހިމެނެއެވެ. ޢުމަރު ބިން އަލްޚައްޠާބު ރާބުއިމުގެ ކުށުގައި ޚައިބަރަށް ނަފީކުރުމުގެ ގޮތުން ތަޢުޒީރު ދެއްވިފަދައިން، އަދި ޞަބީޣު ބިން ޢިސްލް ބަޞްރާއަށް ނަފީކުރެއްވި ފަދައިން، އަދި ނަޞްރު ބިން ޙައްޖާޖް އަންހެނުން އޭނާއާމެދު ފިތުނަވެރިވުމުން ބަޞްރާއަށް ނެރުއްވި ފަދައިންނެވެ.”

(މަޞްދަރު: އަލް މަޖްމޫޢުލް ފަތާވާ، އަލްބާޒް މުޖައްލަދު، 28/352) مجموع الفتاوى ( الباز المعدلة ) (28/ 352)

ޝެއިޚުލް އިސްލާމްގެ ބަސްފުޅު ނިމުނީއެވެ.

ދުރު ކުރުމާއި އަރުވާ ލުމަކީ ކުށްވެރިޔާ އޭނާގެ މުޖުތަމަޢުން ވަކިކޮށް، އެހެން ތަނަކަށް ފޮނުވުމެމެވެ. އެކަހެރިކުރުންވެސް، ވަންނާނީ އޭގެ ތެރެއަށެވެ.

(5) ފާފައެއް ސިއްރުން ކުރެވިއްޖެނަމަ، އޭގެ ނޭދެވޭ އަސަރު ކުރާނީ ހަމައެކަނި އެ ފާފަކުރި މީހާއަށެވެ.

ފާފައެއް ވަންހަނާކުރުމުން އެހެން މީހުންނަށް އޭގެ ސީދާ އަސަރެއް ނުކުރާނެއެވެ. ފާފައެއް ކުރެވިއްޖެނަމަ އެކަން ހާމަނުކޮށް ސިއްރުކުރަން ޖެހެއެވެ. އިސްލާމްދީނުގައި އަމިއްލަ ފާފަތައް ވަންހަނާކުރުމަށް ވަނީ ބާރުއަޅާފައެވެ. އެހެނަސް، ފާފަ ފާޅުގައި ކޮށްފިނަމަ، ފާފަ ޢާންމުވީއެވެ. ފާފައެއް ހާމަވެ އާންމުވެއްޖެނަމަ، އަދި އެކަމާމެދު އިންކާރުނުކޮށް ދޫކޮށްލައިފިނަމަ، އޭގެ ނޭދެވޭ އަސަރު މުޅި މުޖުތަމަޢުއަށް ފޯރާނެއެވެ. މުޖުތަމަޢުގެ ސަލާމަތްތެރިކަމަށްޓަކައި، ފާޅުގައި ކުރެވޭ މުންކަރާތްތަކާމެދު ހަނުހުރެގެން ނުވާނެއެވެ. މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތައް ހިފެހެއްޓުމަށް ފާޅުގައި ކުރެވޭ ފާފަތަކަށް އިންކާރުކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެކެވެ. ނުބައި ޢަމަލުތަކާމެދު ހަނުހުރުމުން މުޅި މުޖުތަމަޢުއަށް ކުރާނެ ނޭދެވޭ އަސަރު އިންތިހާއަށް ބޮޑުވެގެންވެއެވެ.

(6) އިސްލާމީ ޝަރީޢަތުގައި ކާފިރުންނާ ދެކޮޅަށް ހަނގުރާމަކުރުން ވާޖިބު ކުރެވިވިޔަސް، މުސްލިމުންގެ ބާރުގެ ދަށަށް އައިސްފައިވާ ކާފިރުން މެރުން ވާޖިބެއް ނޫނެވެ.

މިއީ އިސްލާމްދީނުގެ މަތިވެރިކަމުގެ އުޞޫލެކެވެ. ހަނގުރާމައިގެ މަޤްޞަދަކީ އެންމެހާ ކާފަރުން މަރައި ހުސްކުރުން ކަމުގައިވާނަމަ އެހެން އެކަން ނެހެއްދެވީސް ހެއްޔެވެ. ހަނގުރާމައިގައި ބަލިވެ، މުސްލިމުންގެ ބާރުގެ ދަށަށް އަންނަ މީހުންނާމެދު ރަޙުމްކުރުމުގެ ސަބަބުން، އެއީ އެމީހުން އިސްލާމްދީނަށް ވަނުމަށް އޮތް ބޮޑު ދޮރެއްކަމުގައި ވެގެންވެއެވެ.